ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ، މި ޕްރޮޖެކްޓް ހިންގާފައިވަނީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް ގެ ފަރާތުން ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި 25 ބައްތި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން މި މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރެވެނު ފަންޑެކެވެ.