މިމަހު 6 ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އަދި ނުފޮނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފޮނުވާ ގައުމާއި ތާރީހު އަދި ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިއާއު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަން ފުލުހުން ހާމަކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ފުލުހުން މިމަހު 7 ވަނަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ފުލުހުން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައެވެ. ޝިއާގެ ލޯބިވެރިޔާ ކަމަށް ބުނާ، ޝާހިލް އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މީގެ ކުރިން މަރުހޫމް ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން، އޭނާ ޝިއާއު ހަމަލާދީ މަރާލަން ޖެހުނު ސަބަބު އަދި ވަނީ ނޭނގުމެއްގެ ތެރޭގައއެވެ.

ފުލުހުން ބުނީ، ބައެއް ނޫސްތަކުގައި މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ރަނގަޅު ނޫން ކަމަށާއި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ނޫން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޝިއާއުއަށް ދީފައިވާ އަނިޔާތަކާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ހިއްސާ ނުކުރުމަށް ޝިއާއުގެ އާއިލާއިން ވަނީ އެދިފައި ކަަމަށާއި އެހެންކަމުން ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ހައްޔަރު ކުރި ޝާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި މަރުވި ޝިއާއުގެ ހަތަރެސްފަޔާއި ބޯވެސް އޮތީ ބުރިކޮށްލާފައެވެ.