ފ. މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، އެއާޕޯޓް ގާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 3،339 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މަގޫދޫގެ 1.22 ހެކްޓަރުގެ ބިން ދިރިއުޅުމަށާއި، ސިނާއި އަދި އިޖްތިމާއީ އެކި ކަންކަމަށް ބޭނުންކޮށް ފުރިފައިވާ ކަމަށެވެ. އަދި ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މަގޫދޫގެ 800 އެއްހާ ރައްޔިތުން އެދި އެދި ތިބޭތާ އެތަކެއް އަހަރުތަކެއް ވެފައިވާ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ސަބަބުން ފ. މަގޫދޫ ރައްޔިތުންގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެން ދިއުން އެދޭ ކަމަށެވެ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ، މި އެއާޕޯޓްގެ ސަބަބުން ފ. އަތޮޅުގެ ރައްޔިތުންނަށް މި ސަރަހައްދަށް ދަތުރުކުރުމުގައި އެތަކެއް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.