އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭނުމަށް 6 ބުރީގެ އިމާރާތެއް އަޅަން އެމްޓީސީސީން ހަވާލުވެއްޖެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ހަވާލުކުރުމަށް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ، އާދަމް އާޒިމްއެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސަސް، ނިޝްފާ ފިރާގްއެވެ.

އެމްޓީސީސީން ބުނީ، އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ މި އިމާރާތަކީ، 17،426.40 އަކަ ފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77،718.10 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެއް ކަމަށެވެ.

ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ 138.67 މިލިއަން ރުފިޔާގެ މި މަޝްރޫއު 730 ދުވަހުގެ ތެރޭ ނިންމުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.