ފުލުހުންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

ކ. ތުލުސްދޫގައި އަޅާ ތިން ބުރީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު އަޅުއްވާ ދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

އިންޑިއާގެ އެގްރިމް ބޭންކުން އަތޮޅު ތެރޭގެ ފުލުހުންގެ އިމާރާތް ތަރައްގީ ކުރުމަށް ނަގާފައިވާ 41 މިލިޔަން ޑޮލަރުގެ ލޯނުން ތަރައްގީ ކުރާ މަރުކަޒު ހަދަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏަށެވެ.

އެ ލޯނުގެ ދަށުން ފުލުހުންގެ ޑިވިޝަން ހެޑް ކުއާޓަރުތަކާއި އަތޮޅު ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޕޯސްޓް ހިމެނޭ ގޮތަށް 61 ރަށެއްގައި މަޝްރޫއު ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.