ސެލެބްރިޓީ ޖޯޑު ކިމް ކާޑޭޝިއަން 41އ އާއި ޕީޓް ޑޭވިޑްސަން 28އ ގެ 9 މަސް ވީ ގުޅުން ނިންމާލައިފިއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ކިމް އާއި ޕީޓް ވަކިވީ ދެމީހުންގެ ޝެޑިއުލް ބުރަކަމުން ދެމީހުންނަށް ވަގުތު ނުދެވޭތީއެވެ. އަދި ދެމީހުން ވާހަކަ ދައްކައިގެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށް ނިންމީކަމަށްވެސް ބުނެއެވެ. އަހަރުތަކެއްގެ ކުރިން އެސްއެންއެލް ސްކެޗްތައް ހެދުމުގެ ތެރެއިން ދެ ފަންނާނުން ދިމާވި ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅުނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. ދުނިޔޭގެ އެންމެންގެ ސަމާލުކަން ލިބުނު މި ޖޯޑު ވަކިވީ ކައިވެނިކުރަން ތައްޔާރަށް ވެސް ތިބިކަމަށް ބުނެފައެވެ.

ޕީޓް ވަނީ ކިމް ގެ އާއިލާ މެންބަރުންނާ ވެސް ބައްދަލުކޮށް އާއިލާގެ އެކި އެކި އިވެންޓްތަކުގައި ވެސް ބައިވެރިވެފައެވެ. އަދި މިދެތަރިން ވަނީ ބޮޑެތި އިވެންޓުތަކުން ވެސް އެއްކޮށް ފެނިގެން ގޮސްފައެވެ. މީގެ ކުރިން ކިމް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕީޓް އޭނާގެ ހުރިހާ ދަރިންދެކެ ވެސް ވަރަށް ލޯބިވާ ކަމަށާއި ކައިވެނި ކުރަން ތައްޔާރަށް ހުރިކަމަށެވެ.

މަޝްހޫރު ރިއާލިޓީ ތަރި ކިމް ކާޑޭޝަން ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައެވެ. އޭނާ އެންމެ ފަހުން ކައިވެނިކުރި ކާންޔޭ ވެސްޓް އާ ވަކިވީ އަށް އަހަރު ދުވަސް ވަންދެން އެކުގައި އުޅުމަށްފަހު ކާންޔޭ އޭނާ އަށް ބޭވަފާތެރިވީމައެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ދަރިން ލިބިފައެވެ. އާންމުންގެ މެދުގައި މަގްބޫލު ކޮމީޑީއަން އަދި އެކްޓަރު ޕީޓް އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރޭންޑްގެ ކުރީގެ ލޯބިވެރިޔާއެވެ. އަރިއާނާ އާ ޕީޓް ވަނީ 2018 ވަނަ އަހަރު އެންގޭޖްވެސް ވެފައެވެ. ނަމަވެސް މާ ދުވަސްތަކެއް ނުވެ އެންގޭޖްމަންޓް ރޫޅި ދެ ތަރިން ވެސް ވަނީ ވަކިވެފައެވެ.