ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތް ޑިޕާޓްމަންޓްގެ ޗެއާ މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ރާވާ ހިންގުމުގައި އިސްކޮށް އުޅުނު މީހެއް ކަމަށް ތުހުމަތުކޮށެވެ. އަދި މުހައްމަދު އިސްމާއިލް ދޫކޮށްލައިފާ ވަނީ 45 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

މީޑީއާތަކަށް ދިން މައުލޫމާތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މުހައްމަދު އިސްމާއިލްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ނުކުރަން މިހާރު ނިންމާފައިވާ ކަމަށާއި އެއީ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ފުލުހުން ވެސް ހުށަހަޅާފައިނުވާތީ ކަމަށެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާއެކު މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ޕީޕީއެމްގެ ސެނެޓާ މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ވިދާޅުވެފައެވެ. އަދި މުހައްމަދު އިސްމާއީލް އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައި ވެސް ނުވާ ކަމަށާއި އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.