މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން 30 ދުވަސްތެރޭ ސިޓީއަށް ޖަވާބު ނުދިނުމުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ވ. ހުރަހުފިނޮޅު، ވ. ތުނޑުހުރާ، އަދި ވ. ރުއްހުރިހުރާ ގޮސްފައިވާ ކަމަށާއި އެ ރަށްރަށާ ބެހޭ މުއާމަލާތް މިނިސްޓްރީން ނުހިންގުމަށް ފެލިދެއަތޮޅު އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
އެ ކައުންސިލުން މިފަދައިން އެދިފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއަށް ފޮނުވި ސިޓީއެއްގައެވެ. މި ސިޓީ ހިއްސާ ކުރައްވަމުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ، ލާމަރުކަޒީ ގާނޫނު (2010/7) ގެ 1-8 (ރ) ގައިވާ ގޮތުގެ މަތިން ވ. ހުރަހުފިނޮޅު، ވ. ތުނޑުހުރާ، އަދި ވ. ރުއްހުރިހުރާ އަކީ ފެލިދެއަތޮޅު އަތޮޅު ކައުންސިލުގެ އިހުތިސޯސްގައި ވާ ރަށްތަކެއް ކަމަށެވެ. މި ރަށްތައް ވަރުވާއަށް ކުއްޔަށް ދިނުމުގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެ ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުގައި ވ. ހުރަހުފިނޮޅު، ވ. ތުނޑުހުރާ އަދި ވ. ރުއްހުރިހުރާ ފެލިދެއަތޮޅުގެ ރައްޔިތުންގެ ބޭނުމަށް، ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ބަލަހައްޓަން ހަވާލުކޮށް ދޭން އެދި މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީއަށް މިނިސްޓްރީން ޖަވާބެއް ދީފައެއް ނުވެއެވެ.
ލާމަރުކަޒީ ގާނޫނު (2010/7) ގެ 1-8 (ނ) ގައިވާ ގޮތުގެ މަތިން ކައުންސިލުން ހުއްދައެއް ހޯދުމަށް ސިޓީއެއް ހުށަހެޅުމުން އެ އިދާރާއަކުން ލަސްވެގެން 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހެއެވެ. އަދި އެދޭ ހުއްދައެއް އެ އިދާރާއަކުން ދެވެން ނެތް ކަމަށް ވާ ނަމަ އެކަން ވެސް ސަބަބާ އެކު ލިޔުމުން އަންގަން ވާނެ ކަމަށާއި އެ މުއްދަތުގައި އެއްވެސް ޖަވާބެއް ނުލިބޭ ނަމަ އެދިފައިވާ ހުއްދަ ކައުންސިލަށް އޮޓޮމެޓިކުން ލިބެއެވެ.
އެހެންކަމުން ލާމަރުކަޒު ގާނޫނުގައިވާ ގޮތުން މިހާރު އެ ތިން ރަށަކީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ތަންތަން ވަރުވާ އަށް ދީ ނުވަތަ ކުއްޔަށް ދިނުމުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.