ގެވެށި އަނިޔާގެ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.
ރޭ އަނިޔާވެރިކޮށް މަރާލައިފާ އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ވަނީ ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ގެވެށި އަނިޔާގެ މިފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި އަމަލާމެދު އެ މިނިސްޓްރީއިން ކަންބޮޑުވެ، ހިތާމަކުރާ ކަމަށް ވަނީ ބުނެފައެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގު ލިބިފައިވާ ކަމަށައި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށް ވާން ޖެހޭ ކަމަށެވެ.
މައްޔިތާގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރަމުން ޖެންޑާ މިނިސްޓްރީއިން ވަނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މި ހިތާމަވެރި އަދި އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަގުތު ހޭދަކުރުމަށް އާއިލާއަށް ފުރުސަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަގުތުކުރުން މުހިންމު ކަމެއް ކަމަށް ބުނެފައެވެ.