ދުނިޔޭގެ މަދު ގައުމެއްގައި އެއްޖިންސުންގެ ގުޅުމަށް ހިތްވަރު ދިން ނަމަވެސް އެއީ އާންމުކޮށް ދުނިޔެ ބަލައިގަންނަ ކަމެެއް ނޫނެވެ.

އެފްރިކާގެ ގައުމެއް ކަމަށް ވާ ޔޫގެންޑާގައި، އެއްޖިންސުގެ ގުޅުން ކުރިއަރުވަން ވަކާލާތު ކުރާ ޖަމާއަތެއް މަނާކޮށް ވަގުތުން ހުއްޓާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، 2017 އިން 2020 އާ ދެމެދު 194 މީހަކު ޔޫގެންޑާގައި ވަނީ ހައްޔަރު ކޮށްފައެވެ. މި މީހުންގެ ތެރެއިން 25 މީހަކަށް އުމުރު ދުވަހު ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެއެވެ. ޔޫގެންޑާގައި އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަކީ އުމުރަށް ޖަލަށް ލާވަރުގެ ހުކުމެއް އަންނަ ކަމެކެވެ.

ޔޫގެންޑާގައި ޖިންސު ބަދަލު ކުރުމާ ބެގޭ ގާނޫނެއް ނެތް ނަމަވެސް، އަންހެން ފިރިހެން ވެގެން ޖިންސު ބަދަލުކޮށްގެން އުޅޭ މީހުންނަށް، އެހެނިހެން ގާނޫނުތަކުގެ ދަށުން ދައުވާ ކުރެއެވެ. ދައުވާ ކުރާ ދާއިރާތަކުގެ ތެރޭގައި އަސްލު އޮޅުވާލުން ހިމެނެއެވެ.

ޔޫގެންޑާގައި ގަބޫލު ކުރާ ހަމަ އޮންނަ ގޮތުން، ޖިންސު ބަދަލު ކޮށް ނުވަތަ އެއްޖިންސުން ގުޅުން ހިންގާ، ކައިވެނިކޮށް ހެދުމަކީ ގުދުރަތީ ނިޒާމަށް ގޮންޖެހުމެވެ. އެއްޖިންސުގެ ގުޅުމަށް ހިތްވަރުދޭ ޖަމާއަތެއް ހުއްޓާލަން އެ ގައުމުގެ ސަރުކާރުން އެންގުމާއެކު، ބައެއް އަވަށްތަކުން ވަނީ، އެއްޖިންސުގެ ގުޅުން ޕްރޮމޯޓު ކުރާ މީހުންގެ ގަޔަށް ގާ އުކާ ހަމަލާވެސް ދީފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ދުނިޔޭގެ އެތަން މިތާނގައި އިތުރުވަމުން އަންނަ އިރު، ޔޫގެންޑާގެ ސިޔާސީ ފަރާތްތަކުގެ އަމާޒު ހުރީ، އެއްޖިންސުން ކައިވެނި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާ މެދު ގާނޫނީ އިމުގެ ތެރެއިން ގޮތެއް ނިންމުމަށް މަޖިލީހަށް ވައްދާށެވެ.