ޔަހޫދީ އިޒްރޭލުގެ އުނދަގުލާހުރެ، ޒަމާންވީ ތަކުލީފުތަކެއް އުފުލަުން ގެންދާ ފަލަސްތީނުގެ ގައްޒާގައި ހުންނަ ހަމައެކަނި އިންޖީނުގެ ތެޔޮ ނުލިބި ހުއްޓިއްޖެއެވެ.
ހަބަރުތައް ބުނާ ގޮތުން، އެ އިންޖީނުގެ ހިންގުމަށް ބޭނުންވާ ޑީސެލް ނުލިބުމުން އިންޖީނު ނިއްވާލަން ޖެހުމާ ގުޅިގެން، މުޅި ގައްޒާއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. އޭގެ ތެރޭގައި އާންމު ގޭގެއާއި، އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކާއި، އެހެނިހެން ނާޒުކު ފެސިޓީތައްވެސް ހިމެނެއެވެ.
ގައްޒާއަށް ތެޔޮ އެތެރެ ކުރަނީ އިޒްރޭލާއި، މިސްރުންނެވެ. ނަމަވެސް މި ދެގައުމުންވެސް ޕަލަސްތީނަށް ދަތިކުރަމުން ދާ އިރު، 2007 ވަނަ އަހަރުން ފެށިގެން ދެގައުމުގެ ދަރަހައްދީ މަގު އޮންނަނީ ބަންދުކޮށްފައެވެ.
އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭ ގައްޒާއިން ކަރަންޓް ކެނޑުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ތެޔޮކޮޅު ލިބޭނެ މަގު ފަހިކޮށް ދިނުމަށް، އިންޖީނުގެ ހިންގާ ކުންފުނިން ވަނީ ބައިނަލްއަގުވާމީ އެހީއަށް ގޮވާލާފައެވެ.
ޕަލަސްތީނުގެ މަސްރަހު ހުކުރު ދުވަހުން ފެށިގެން ގޯސްވެފައި ވާއިރު، އިޒްރޭލުން ގެންދަނީ، ގަދަފަދަ ވައިގެ ހަމަލާތައް ގައްޒާއަށް އަމާޒު ކުރަމުންނެވެ. މިހަލާތައް ފެށިފައި ވަނީ، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ލިޑަރަކު އިޒްރޭލުން ހައްޔަރު ކުރުމާ އެކު އެ ޖަމާއަތުން އިޒްރޭލަށް ރޮކެޓް ހަމަލާ ދޭން ފެށުމުންނެވެ.
އެ ޖަމާއަތުގެ ހަބަރުތައް ބުނާ ގޮތުން، މިހާތަނަށް 160 އެއްހާ ރޮކެޓް އިޒްރޭލަށް ފޮނުވާލައިފިއެވެ. ރައްދުގައި އިޒްރޭލުގެ އުދުވަނީ ހަމަލާތައް އަމާޒު ކުރާ ތަންތަނުގެ ތެރޭގައި އެ ޖަމާއަތުގެ އިސް ލީޑަރުން ތިބި ތަންތަން ހިމެނޭ އިރު، ހަމަލާ އަމާޒުވެ އާންމުން ދަނީ މަރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު 12 މީހަކު ޝަހީދުވެ 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
އިޒްރޭލުގެ އުދުވާނާ ގުޅިގެން ކައިރި ގައުމުތަކުން ދަނީ ނުރުހުން ފާޅުކޮށް ޝުއޫރުފާޅުކުރަމުންނެވެ. އޭގެ ތެރެއިން އީރާނުން ބުނެފައި ވަނީ، އިޒްރޭލުން ހިންގާ އުދުވާނުގެ އަގު ދައްކަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި މިސްރުން ބުނެފައި ވަނީ އެގައުމުން މަސައްކަތް ކުރަމުން ދަނީ، މަޝްރަހަށް ފިނިކަމެއް ގެނެވޭތޯ ކަމަށެވެ.
ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން އިސްލާމިކް ޖިހާދުން ބުނީ، އިޒްރޭލުގެ އުދުވާނަށް ރަައްދު ދޭނީ ވަރުގަދައަށް ކަމަށާއި، ހަނގުރާމަ ވެސް ހިނގާނެ ކަމަށާއި އަދި އާހިރުގައި ނަސްރުވެސް ހޯދާނެ ކަމަށެވެ.