ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރާ ފިރިހެން ޓީޗަރަކު ސަސްޕެންޑް ކޮށްފިއެވެ.

ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގިރިއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާންމްުވެފައިވާ އިރު، އޭގެ ތެރެއިން އެކަކީ މާލޭގެ ސްކޫލެއްގެ ޓީޗަރަކަށް ހުރި ދިވެއްސެއް ކަމަށް ތުހުމަތު ކޮށް ސޯޝަލް މިޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެއް ޖިއްސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ސްކޫލެއްގެ ޓީޗަރެއްކަން އެޑިއުކޭޝަން އިން ހާމައެއް ނުކުރެއެވެ. އެޑިއުކޭޝަން އިން ބުނީ، ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން އެ މިނިސްޓްރީން ވެސް ބަލަމުންދާ ކަމަށެވެ.

މި މައްސަލައިގައި އަދި އެ ޓީޗަރު ހައްޔަރު ކޮށްފައިވާ ކަން ކަށަވަރެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ ޓީޗަރަކީ ގާޒީ ސްކޫލްގައި ކިޔަވައިދެމުން އަންނަ ޓީޗަރެއް ކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ. އެކަމާ ގުޅިގެން ގާޒީ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ އެއްވެސް އިރަކު ގާޒީ ސްކޫލްގައި ކިޔަވައިދިން ޓީޗަރެއް ނޫން ކަމަށެވެ. އަދި ސްކޫލް ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފް ވާހަކަތައް ސޯޝަލް މިޑިއާގައި ފަތުރަމުން ދާ ކަމަކީ އެ ސްކޫލުން ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.

އެއްޖިއްސުން ގުޅުން ހިންގި މައްސަލައެއްގައި ޓީޗަރެއް ސަސްޕެންޑްކޮށްފައިވާ އިރު، ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތެއް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގީނާ ކޮށް އެފަދަ ބަދްއަހްލާގީ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޮތް ފަރާތެއް ނަމަ ސްކޫލުގައި ނުބަހައްޓާނެ ކަމަށެވެ. އަދި ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

އެއްޖިއްސުން ގުޅުން ހިންގި ވީޑިއޯތައް ލީކް ވެފައިވާ އިރު، އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.

މި މައްސަލަިއގައި މިހާތަނަށް އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު އާއި ނާޒިމް ސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. އަދި އަލަމްގިރް ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސަސްޕެންޑުކުރީ މި ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެކަމަކު، މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެ އެވެ.

އެ ޓީޗަރުގެ ނަމާއި އެޑްރެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.