ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ފަސާދަ އާއި ކޮރަޕްޝަންގެ އިތުރުން ބައިވަރު މައްސަލަތަކުން ފުރިފައިވާ ވެރިކަމެއް ކަމަށް ވިދާޅުވެ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫން ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޔާމީނަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓުގައި ޔާމީން ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށް، ޓިކެޓު ވެސް ހަވާލުކޮށްފައި ވަނިކޮށެވެ.

ޓްވިޓާގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާންމުކުރައްވާފައިވާ ވީޑިއޯ މެސެޖެއްގައި ދުންޔާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ވެރިކަންކުރި ދެ ސަރުކާރު ވެސް ފެއިލްވެފައިވާ ކަމަށެވެ. ދުންޔާ އެ އިޝާރާތް ކުރައްވަނީ ޔާމީންގެ ވެރިކަމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށެވެ.

އެއާއެކު، ބޮޑުބޭބޭފުޅު ޔާމީނަށް ފާޑުވިދާޅުވެ ދުންޔާ ވިދާޅުވި ގޮތުގައި، ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގައި ތިއްބެވި އިސްބޭފުޅުން ވަނީ ދިވެހިންނަށް ގައްދާރުވެފައެވެ. އެގޮތުން، ވައްކަމާއި ކޮރަޕްޝަން އަދި ފަސާދަ ފަދަ އެތައް މައްސަލަތަކުން ޔާމީންގެ ސަރުކާރު ފުރިފައިވާ ކަމަށް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އޭރުގެ އިދިކޮޅުގެ ލީޑަރުން ޖަލަށް ލުން ހިމެނޭ."

ޔާމީންގެ ވެރިކަމުގައި އޭރު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އޮތް ކަމަށާއި އެފަދަ ވެރިކަމެއް ރާއްޖެއަށް ނުގެނައުމަށް ކުރެވެން މަސައްކަތް ކުރަން މިއަދު ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައިވާއިރު، އޭރު ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމަކީ ގައްދާރެއް ކަމަށް ވިދާޅުވެ ޔާމީން ކުރެއްވި ޓްވީޓަށް ދެއްވި ރައްދުގައި ނާޒިމް ވިދާޅުވީ، ޔާމީންގެ ސަރުކާރަކީ ރިޝްވަތާއި ކޮރަޕްޝަނާއި ވައްކަން ފަދަ އެތައް އަމަލަކުން ފުރިފައިވާ ސަރުކާރެއް ކަމަށެވެ. އަދި ޔާމީނަކީ ގައުމަށް ވަފާތެރި ހެޔޮއެދޭ ވަތަނީ ބޭފުޅެއްތޯ ނާޒިމް ސުވާލު ކުރައްވާފައިވެއެވެ.