އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އޭސީސީއަށް ހާޒިރުކޮށްފިއެވެ.

ދުންޔާ ވިދާޅުވީ ދުވަހަކުވެސް ސަރުކާރުން އަދި ރާއްޖޭގެ ރައްޔިތުންގެ އަތުން 1 ރުފިޔާވެސް ވަގަށް ނަގާފައި ނުވާނެ ކަމަށާއި ހަގީގަތާއި އިންސާފަށް އަބަދުވެސް ހަނގުރާމަކުރާނެ ކަމަށެވެ.

ދުންޔާ އޭސީސީއަށް ހާޒިރުކުރަން އެނގީ މިއަދު 11 ޖަހާއިރަށެވެ. މިއަދު ދުންޔާ އޭސީސީއަށް ހާޒިރުވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް މީގެ ކުރިންވެސް މި މައްސަލާގައި ދުންޔާ އޭސީސީއަށް ހާޒިރުވުމަށް އެންގުމުން އޭސީސީއަށް ހާޒިރުވެފައިވަނީ އޭނާގެ ގާނޫނީ ވަކީލެވެ.

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައި ވާކަން އޭސީސީއިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަހަރު އެސްޓް ރިކަވަރީ ކޮމިޝަނަށް ދުންޔާ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ބުނާ 200،000 ރުފިޔާ އެކަމަނާއަށް ދުވަހަކުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާ އަދި މަންފާއެއްވެސް ދުވަހަކުވެސް ލިބިފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކުވެސް ހިމެނެއެވެ.