ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި, ހުޅުމާލެ ދެކުނު ދައިރާއަށް ވާދަކުރެއްވުމަށް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްފައިވިއެވެ.

ޕީއެންސީގެ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދައިރާއަށް ވާދަކުރައްވާ، ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގަތުމުން، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލާން ފޯމު ހުށަހެޅުއްވުމަށްފަހު ދުންޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސާބިތުކަމާއެކު ހުންނަވާނެކަމަށް ދުންޔާ ވިދާޅުވިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބިވަޑައިގެންނެވިއިރު، ދުންޔާ އަށް ލިބިވަޑައިގަތީ 70 ވޯޓެވެ.

ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން މަޖިލީސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާއިރު، ބައެއް ކެންޑިޑޭޓުން ވަނީ އިންތިހާބުގެ ސައްހަކަމާ މެދުވެސް ސުވާލު އުފައްދާފައެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ތާއީދުކުރާ ކެނޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީތައް އޮޅުވާލާފައިވާކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.