ކެނަބިސް ބޭނުން ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ށ.މަރޮށި، ހަވާ، ސަދުހާން އަހްމަދު ޒާހިރު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރޭ ކިންގް ސަލްމާން މިސްކިތް ކައިރީ ކާނިވާ ޕާކިން ޒޯންގައި ސަދުހާން ހުރި އިރު، އެތަނުގައި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފައެެވެ.

އެގޮތުން ސަދުހާން ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. މި ދައުވާ އަށް ކޯޓުގައި ސަދުހާން ވަނީ އިއުތިރާފް ވެފައެވެ. މި ދައުވާ އަށް އިބްތިދާއީ އަޑުއެހުމުގައި ސަހުދާން އިއުތިރާފްވެފައި ވާތީ، މައްސަލަ އަވަސް ނިޔާއިން ބެލުމަށް ނިންމައި 5 ދުވަހުގެ ތެރޭގައި އަވަސް ނިޔާގެ އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ނިންމިއެވެ.

އިބްތިދާއީ މަރުހަލާގައި ސަހުދާން ކުށަށް އިއިުތިރާފްވެ އަވަސްނިޔާގެ އަޑުއެހުމުގައި އެއ އިއުތިރާފް ދެމެހެއްޓިކަމުގައި ވީ ނަމަވެސް ގާނޫނުލްއިގީބާތުގެ 1106 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިގެންދާ ލިޔެއް މި މައްސަލައިގައި ސަދުހާނަށް ލިބިފައެއް ނުވެއެވެ.

އެހެންކަމުން މިއީ ސަދުހާންގެ ސައްހަ އަދި ފުރިހަމަ އިއުތިރާފުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއް ކަަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ސަހުދާނަކީ މީގެ ކުރިން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވެސް އުފުލާފައި ވާ މީހެކެވެ.