ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އާޒިމާގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން މިއަދު ތާވަލް ކުރީ ހެނދުނު 9 ޖަހާއިރަށެވެ. "ދަ ޕްރެސް" އަށް މައުލުމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާޒިމާ އަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައިވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވުމާ ގުޅިގެން ކަމަށެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން ވެސް އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުން އާޒިމާގެ ފަރާތުން ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލާގައި މެއި މަހު 16 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން މިހާރު ނެތް ކަމަށެވެ.
އެހެންކަމުން ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް އާޒިމާގެ ފަރާތުން ބުނިނަމަވެސް، އެކަންކަމާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައިވެއެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
އެބުނާ ޒާތު އެއްވެސް ކަމެއް ކުރެއްވިންތޯ ނުކުރެވެންޏާ އެއްގޮތަކަށްވެސް ބިރުގަންނާނެ ކަމެއް ނެތް ނަމޫނާ އަކަށް ބަސްއަހާ ގަޓް ރައީސްއަށް ބަލާ........