އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ހިންގާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އޮތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ، އެ ކޯހުގެ މައުލޫމާތު ސެޝަން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އަދިވެސް އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށެވެ. މައުލޫމާތު ސެޝަން އަންނަ ބުރާސްފަތި ދުވަހު އޮންނާނީ އެސްޓީއޯ ޓްރެއިންނިން އިންސްޓިޓިއުޓް، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފަންގިފިލާގައި، މެންދުރު ފަހު 2:00 ގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި ކޯހަކީ ފުލީ ފަންޑަޑް ކޯހެއްގެ އިތުރުން، ކޯހުގެ ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 2300 ރުފިޔާ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި 6 މަސް ދުވަހުގެ އިންޓާންޝިޕްގެ ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ވެސް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މަދު ދިވެހިން ތަމްރީން ވެފައިވާ މި ދާއިރާއިން ކޯސް ހިންގުމަށް އެސްޓީއޯ އިން މަސައްކަތް ފަށާފައި ވުމަކީ ދިވެހިން ތަމްރީން ކުރުމަށް އެސްޓީއޯ އިން ދޭ އަހައްމިއްޔަތުކަން ފެނިގެންދާ ކަމެކެވެ. އަތޮޅުތެރޭ ރޭޑިއޮގްރަފަރުންގެ ގޮތުގައި 37 މީހަކު މަސައްކަތް ކުރަމުން ދާއިރު މިވަގުތު އެމީހުންގެ ތެރޭގައި ތިބީ ތިން ދިވެހިންނެވެ. އައިޖީއެމްއެޖްގައި ރޭޑިއޮގްރަފަރުންގެ ގޮތުގައި 20 މީހުން މަސައްކަތް ކުރާއިރު އޭގެތޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.
މި ކޯސް ރާއްޖޭގައި ހިންގަން މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ. މި ކޯހަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.