"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ބާވާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގަ އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގައި ހިމެނޭ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ބްރިޖުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް މިއަދު ވަނީ ބްރިޖުގެ ތަނބެއްގެ ކޮންކްރީޓު އަޅާފައެވެ.

ތިލަމާލެ ބްރިޖުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު 2019 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއި ކުރިއިރު އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފައެވެ.

ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި ބްރިޖް ނުވަތަ ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރު އަށް މެރިން ވިއާޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރު ގެ މަގުހިމެނެއެވެ.