ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަހްމަހްނިއަމް ޖައިޝަންކަރު މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ހޮޓެލް އައިޓީސީ މައުރިއާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުން ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވުމުގެ ވަރުގަދަ އަޒުމުގައި މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއާއި، ސޯޝަލް ހައުސިން ޑިވެލޮޕްމަންޓް މަޝްރޫއާއި، އައްޑޫ ސިޓީ ޕޮލިސް އެކަޑަމީއާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަކުރައްވަމުން، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިންޑިޔާ ސަރުކާރުން ވެދެއްވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަގީންކަން އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރާއްޖޭގެ މަތީ ފެންވަރުގެ ވަފްދަކާއި، ރާއްޖޭގެ ވިޔަފާރި ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.