ސްޓެލްކޯ އިން ވިލިމާލޭގައި ކުރިއަށް ގެންދަން ނިންމި ހައުސިން ޕްރޮޖެކްޓަށް ހުއްދަ ނުދޭން ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ މަހު 24ގައި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ވިލިމާލޭގައި އާ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަން އިއުލާނު ކުރައްވާފައެވެ.
އެކަމަށް ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފު އެދުވަހު ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވެފައި ވާއިރު އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ސޯޝަލް ހައުސިން މަޝްރޫއުތައް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) މެދުވެރިކޮށް ހިންގުން ކަމަށެވެ. އެހެންކަމުން އެސްއޯއީތަކުން ހައުސިން ޕްރޮޖެކްޓްތައް ހިންގުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.
ދާދި ފަހުން ޝަރީފު ވަނިީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުކުރާނެ ތާރީހު އިއުލާނު ކުރައްވާފައެވެ. އެގޮތުން ފްލެޓް ލިބިފައިވާ މުވައްޒަފުންނަށް އަންނަ މަހުގެ 6 ވަނަ ދުވަހު ފްލެޓްތަކަށް ވަދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި، 1+2 އެޕާޓްމަންޓްތަކުގެ މަހު ކުލީގެ ގޮތުގައި ނަގާނެ މިންވަރު ވެސް ޝަރީފު ވަނީ އިއުލާން ކުރައްވާފައެވެ. މިގޮތުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުން މަހުކުލީގެ ގޮތުގައި 5622 ރުފިޔާ ނަގާއިރު 1+2 އެޕާޓްމަންޓްތަކުން މަހުކުލީ 10356، 10652 ދެމެދުގެ އަދަދެއް ނަގަން ހަމަޖެހިފައިވާ ކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ،
މެއިންޓެނަންސް ފީގެ ގޮތުގައި 1 ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ޝަރީފް ވިދަޅުވިެއވެެ.
ޝަރީފު ވަނީ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް މިބައްދަލުވުމުގައި ދެއްވާފައެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.