މީގެ ދެ އަހަރު ކުރިން އުރީދޫން ތައާރަފް ކުރި 5ޖީ ގެ ހިދުމަތް މާލެ ސަރަހައްދުގެ ބޮޑު ސަރަހައްދަކަށް ދޭން ފަށައިފިއެވެ.

އުރީދުއަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 5ޖީ ގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، އުރީދޫން 5ޖީ ތައާރަފު ކުރުމުން، އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑުގެ 800ރ އިން މަތީގެ ޕެކޭޖުތަކުގެ ޑޭޓާ ދެ ގުނަ އިތުރުވެގެން ދާނެއެވެ.

އެ ކުންފުނިން ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ނިޔާޒް ވިދާޅުވީ:

  • އިތުރު ރަށްރަށުގައި ސަބްމެރިން ކޭބަލް އަޅަން ހަމަޖެހިފައިވާ ކަމަށް
  • 5ޖީ ގެ ހިދުމަތާ އެކު ވިލާތުގެ ގައުމުތަކާ ގުޅުވައިދޭ ކޭބަލެއް ކުޅުދުއްފުށި ސަރަހައްދުގައި އަޅާނެ ކަމަށް

ކުޅުދުއްފުށި ސަރަހައްދުގައި އަޅާ ކޭބަލްގެ ސަބަބުން ގޭމާސް ވީޑިއޯ ސްޓްރީމަރުންނާއި ގޭމަރުންނަށް އެކި ޕްލެޓްފޯމްތަކުގެ ޑައިރެކްޓް ސާވާ އާ ގުޅި، ހިދުމަތްތައް ލިބޭ ސްޕީޑް އަވަސް ވާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި، އެ ކުންފުނިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މުޖުތަމައަށް ފައިދާ ހުރި ގިނަ މަސައްކަތްތައް ކޮށްފައެވެ. އަދި އަމާޒަކީ އެފަދަ އިތުރު މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާދީ ފާހަގަކުރެއްވި ގޮތުގައި، އުރީދުއަކީ ރާއްޖެ އަށް 5ޖީ ތައާރަފްކުރި ފުރަތަމަ މުވާސަލާތީ ކުންފުންޏެވެ.