ޑްރަގް ކަމަށް ބުނެ ފުލުހުން އަތުލައިގަތް ތަކެއްޗަކީ ޑްރަގްތޯ ސުވާލު އުފެދުމުން، މައްސަލައިގައި ތުހުމަތުވާ މީހާ ދޫކޮށްލައިފިއެވެ.

މާލޭގެ ގެއެއްގެ ބަދިގެއިން ފުލުހުން ކުޑަ ދުވަސްކޮޅެއް ކުރިން އަތުލައިގަތް ޕެކެޓުގައި ހުރީ ޑްރަގް ކަމަށް ޝައްކުވާ އެއްޗެއް ކަމަށް ބުނި ނަމަވެސް، އެއީ ކޮން ބާވަތެއްގެ އެއްޗެއްކަން ފުލުހުންނަކަށް ބުނެދެވިފައެއް ނެތެވެ.

އެއީ ޑްރަގް ކަމަށް ކަށަވަރު ކުރެވޭނީ ތަހްލީލުކޮށްގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ފަރާތުން ކޯޓުގައި ބުނީ، އެއީ ބޭކިން ޕައުޑަރު ކަމަށާއި، ފުލުހުން އެ ތަކެތި ތަހްލީލު ކުރިޔަސް އެކަން ކަށަވަރުވާނެ ކަމަށެވެ.

އެހެންވެ، ޝައްކެއްގެ މަތީގައި މީހަކު ބަންދުނުކުރެވޭނެ ކަމަށް ނިންމުމަށްފަހު، ޝަރުތުތަކާ އެކު އޭނާ ވަނީ ދޫކޮށްލައިފައެވެ.

ކޯޓުން ނިންމި ނިންމުމުގައި ބުނީ، އަތުލައިގަންނަ ޑްރަގަކީ އެއަށް ޝައްކުކުރެވޭ އެއްޗެއް ކަން ކަށަވަރު ކުރުމަށްޓަކައި ވަގުތީ ޓެސްޓް ކިޓްތަކެއް ކަސްޓަމްސް އިން ބޭނުންކުރާ ކަމަށެވެ. ވުމާއެކު ފުލުހުން އެފަދަ ކިޓް ބޭނުންނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.