ޕްރައިމަރީއަކާ ނުލާ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ޓިކެޓު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް، އެ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ނިންމުން ހާމަކޮށްފައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓްވީޓްތަކެއްގައެވެ.

އޭގެ ތެރެއިން އެއް ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ނިންމުން ޔާމީން ގަބޫލުކުރައްވައިފި ކަމަށެވެ. އޭގެ ދެ ގަޑިއިރު ފަހުން ކުރެއްވި ޓްވީޓްގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި ރައްޔިތުން ދެކޭނީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއް، އަދި ފުދުންތެރި ގައުމެކެވެ.

https://twitter.com/Banafsaa/status/1553797512573906944

"މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން،" އަބްދުއްރަހީމްގެ ޓްވީޓްގައި ވެއެވެ.

ޕީޕީއެމުން ބުނީ، އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގައި ތިއްބަވާ 99 މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ޔާމީނަށް އިދިކޮޅު ކޯލިޝަންގެ ޓިކެޓް ދޭން ނިންމި ނަމަވެސް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާރު ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ ދެ މައްސަލައެއްގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. އޭގެ ތެރެއިން އެންމެ ދައުވާއެއް ވެސް ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެއެވެ.

އެގޮތުން، ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނެއެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ އަޑުއެހުން ވެސް ކުރިއަށް ގެންދާއިރު، ދެ މައްސަލަ ގެންދާނީ ވަކިންނެވެ.