ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއެކު، އެކަމާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކޮށްފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ، ހެއްކާބެހޭ ގާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އެ ގޮތުން، އެ ގާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަން ކަމަށާއި ނޫސްވެރިކަމުގެ މިނިވަން ކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ހުރިހާ ފަރާތްތަކަކަށް ވެސް ރައްކާތެރިކަން ހޯދައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް، ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހު ކުރެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތު ވަނީ ހެއްކާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށް އަދި 6 މަސް ދުވަސް އެބައޮތް ކަން ފާހަގަ ކުރައްވައި، އެ ގާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތްތައްވެސް ސާފުކޮށް ދެއްވާފައެވެ. އަދި ހެއްކާއި ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ޑިމޮކްރަސީ މުޖުތަމައުތަކުގައި އެކަން ކުރަމުން އަންނަ ގޮތަށާއި އދ އިން ނިންމާފައިވާ ނިންމުތަކަށް ބަލައިގެން ކަމުގައިވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވިއެވެ.

ހެއްކާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2022/11) ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ މި މަހުގެ 18 ގައެވެ.