އިންޑިއާއިން ރާއްޖެއަށް 7460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުއް އެކްސްޕޯޓް ކުރަން ނިންމާފައިވާ ކަމަށް އިންޑިއާ އެމްބަސީން ބުނެފިއެވެ.

މިތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް މެދުކެނޑުމެއްނެތި 9 ޒަރޫރީ ބާވަތެއް؛ އޭގެތެރޭގައި ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ތަކެތި ހިމެނޭފަދައިން، ފޯރުކޮށްދިނުމަށް ދެ ގައުމުގެ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް އެމްބަސީން ބުނެއެވެ.

އެމްބަސީން ބުނީ، ފާއިތުވި މޭ އަދި ޖޫންމަހުގައި އިންޑިއާއިންވަނީ ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ގައުމުގެ ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ހަކުރު އަދި ފުށް އެކްސްޕޯޓް ކުރުން ހުއްޓާލައިފައިވާ ކަމަށެވެ.

ނަމަވެސް، އިންޑިއާއިން، ރާއްޖެއާއިއެކު އޮންނަ ގާތްގުޅުމަށް ބިނާކޮށް އަދި މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ހާއްސަ ހުއްދައިގެ މަތިން، މި އަދަދަށް އެތަކެތި ކުރިއަށް އޮތް 3 - 6 މަސްދުވަހުގެ ތެރޭގައި އިމްޕޯޓް ކުރުމަށް އެސްޓީއޯއަށް ބޭނުންވާ އެކްސްޕޯޓް ކުރުމުގެ ހުއްދަތައް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ބުނެއެވެ.

އެމްބަސީން ބުނީ، މިކަން މިގޮތައް ހަމަޖެހިގެން ގޮސްފައިވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ދަތިކަމަކާނުލައި ފޯރުކޮށްދިނުމައްޓަކައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދޫކޮށްފައިވާ ހާއްސަ ކޯޓާގެ ދަށުން ކަމަށެވެ.

މި ނިޒާމުގެދަށުން އިންޑިއާއިންވަނީ ޖުލައި 2021ގައި މި 9 ބާވަތް އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށް އެ ހުއްދަ 2024 ވަނަ އަހަރާއި ހަމައަށް އާ ކޮށްދީފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

އެމްބަސީން ބުނީ، ދޫކޮށްފައިވާ މި ހުއްދައިގެ ސަބަބުން އެ ގައުމުން މިހާރު ކަނޑައަޅާފައިވާ ނުވަތަ ކުރިއައް އޮތްތަނުގައި ކަނޑައަޅާ މިތަކެތީގެ އެކްސްޕޯޓް ކުރުމުގެ ގަވައިދަށް ގެންނަ އެންމެހާ ބަދަލުތަކަކުން ބަރީއަވެގެންދާނެ ކަމަށެވެ.

އެމްބަސީން އިތުރަށް ބުނީ އިންޑިއާއިން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ފުރިހަމަ އެއްބާރުލުން އަބަދު ލިބޭ ކަމަށާއި މިގޮތުން މިފަދަ ކަށަވަރުކަމެއް ފޯރުކޮށްދީފައިވާ ކޯޓާއެއް ހަމަޖައްސައިދީފައިވުމަކީ ދެ ގައުމުގެ މި ގުޅުމުގެ ތެރެއިންވާ ހާއްސަ އެއް ކަން ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއިން ގައުމަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.