ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި އިއްޔެ ސޮއިކުރަން ފަށައިފިއެވެ.

އެކި ކަންކަމަށް ގޮވާލައި ޕެޓިޝަން ހިންގުމަށް މަޝްހޫރު "ޗޭންޖް އޯގް" ވެބްސައިޓުގައި، ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ހަދާފައިވަނީ "ދިވެހި ރާއްޖެ" ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. ޕެޓިޝަނަށް 13 ގަޑިއިރު ވެފައިވާއިރު 50 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އަދި އެ ޕެޓިޝަނުގައި އާންމުން ސޮއިކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެ ޕެޓިޝަން ތައްޔާރުކުރި "ދިވެހި ރާއްޖެ" ވަނީ ނަޝީދާއި އީވާ މަގާމުން ދުރުކުރުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައިފައެވެ.

"ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ދިވެހި ރައްޔިތުންނަށް މަލާމާތް ކުރައްވައި، ދިވެހިންގެ މެދުގައި އޮތް އިސްލާމީ އަދި އަހުލާގީ އުސޫލުތަކަށް ގޮންޖައްސަވަމުން. މިއަދު އެމަނިކުފާނު މަސައްކަތްކުރައްވަނީ ގައުމު އިނދަޖައްސާލައި، ނުބައި އަމަލުތައް ދިފާއު ކުރައްވަން،" އެ ޕެޓިޝަންގައި ވެއެވެ.

ނަޝީދާއި އީވާ މަގާމުން ދުރުކުރުމަށް އޮންލައިން ޕެޓިޝަނެއް ހަދާފައިވާއިރު، ޓްވިޓާގައި "އިމްޕީޗްނަޝީދު" ހޭޝްޓެގް ދަނީ ދައުރުވަމުންނެވެ.

ފަހަކަށް އައިސް އާންމުންގެ މެދުގައި ނަޝީދުގެ މަގްބޫލުކަން ދަށްވެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މެންބަރުންތަކެއް ބޭނުންވާ ކަމަށް، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ މެންބަރުން މަސައްކަތްކުރަމުން ދަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމުންނެވެ. ނަޝީދުގެ ވާހަކަފުޅަށް އީވާ ވަނީ ތާއީދު ކުރައްވައިފައެވެ.

ނަޝީދު މަގާމުން ވަކިކޮށްދިނުމަށް އެދި ބައެއް މެންބަރުން ނުރަސްމީކޮށް އެދިފައި ވާއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ޗުއްޓީއަށް ފަހު، މި ފެށޭ މަހުގެ މެދުތެރޭގައި ޖަލްސާތައް ފަށައިގެން ކުރިއަށް ދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކުގައި ނަޝީދު ވަނީ، ރައީސްގެ އަރިހުން ފޮޓޯ ހުރި ހުރިހާ އެންމެން ހިމާޔަތްކޮށްފައި، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރީ ކީއްވެތޯ ކަމަށާއި، ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ސުވާލު ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖަކާ އެކު ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޮއެއް މީހަކު ފޮނުވާފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.