"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއު ރަސްމީކޮށް ފެށުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ބާއްވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޮން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ ދައުވަތަކަށް ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅުގައި ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފަށަން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހަންމަދު މަބްރޫކް އަޒީޒު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބާއްވަން ހަމަޖެހިފައިވާ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ލައިވް ކުުރާނެ ކަމަށާއި ހަމަ އެވަގުތު މާލޭގައި ވެސް ރަސްމިއްޔާތެއް އޮންނާނެ ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް ސޯލިހު އިންޑިއާއަށް މާދަމާ ފުރާވަޑައިގަންނަވާއިރު އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ. އަދި ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.
ތިލަމާލެ ބްރިޖުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު 2019 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއި ކުރިއިރު އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފައެވެ.
ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.
6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި ބްރިޖް ނުވަތަ ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރު އަށް މެރިން ވިއާޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރު ގެ މަގުހިމެނެއެވެ.
މިކަމުންވެސް ދޭހަކޮށް ދެނީ އަޅުވެތިވެފައިވާ މިންވަރު އެހެންނާފަހެ މިގައުމުގެ ކަމެއް މިގައުމުގަ ނުކުރަންވީ ކީއްވެ.