ކިތަންމެ ވަރަކަށް ވިސްނުމާއި ހިޔާލު ތަފާތުވި ނަމަވެސް، ދީނީގޮތުން ހިފަހައްޓަންޖެހޭ އުސޫލުތަކުގައި ހިފަހައްޓަން ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ޖެހޭ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ފުލުފުލުގައި ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އެކަކު އަނެކަކަށް ރާބުއިމާއި ޒިނޭކުރުން ފަދަ ބޮޑެތި ފާފަތައް ކުރާ ކަމުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ، ސިޔާސީ ވިސްނުމާއި، މަސައްކަތުގައި ކިތަންމެ ވަރަކަށް ހިޔާލު ތަފާތުވިޔަސް، ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ޖެހޭ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނު ވަނީ ކޯފާ އިސްކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ސުވާލުކުރައްވައިފައެވެ. އަދި އަންހެން ކުއްޖަކާ އެކު ރައީސް ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ވަނީ ސުވާލުކުރައްވައިފައެވެ.

ނަޝީދުގެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެފަދަ އަމަލެއް ހިންގަވާފައި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.