އެސްޓީއޯގެ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 155 މިލިއަން ރުފިޔާއާއެކު އެސްޓީއޯއަށް މި އަހަރު ސާފު ފައިދާގެ ގޮތުގައި ޖުމްލަ 305 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 22 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އަދި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ކުރީ ކުއާޓާއާއި އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 188 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ކުރީ ކުއާޓަރާއި އަޅާބަލާއިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ ކުއާޓާގައި އެސްޓީއޯގެ ސަބްސިޑަރީތަކުން ވަނީ ވިޔަފާރި ފުޅާކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފައެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމާއި އެސްޓީއޯ ކްރެޑިޓް ސްކީމުގައި އަމިއްލަ ވިޔަފާރިތައް ބައިވެރިކުރުމުގެ އިތުރުން އިނގިރޭސިވިލާތުގެ ރަސްލް ހޮބްސް ބްރޭންޑުގެ އެޕްލަޔަންސްތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުން ފާހަގަކޮށްލެވެއެވެ.