ޔޯގާގެ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ޝައިޚް އާދަމް ނިޝާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.

ޝައިޚް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 11:15 އަށް ތާވަލްކޮށްފައިވާއިރު ނިޝާންގެ ބަންދުގެ މުއްދަތު ވަނީ ހަތަރު ފަހަރެއްގެ މަތިން ޖަހާފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.