ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް މިއަހަރު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމަސައްކަތް އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ނަމަވެސް އެ މަސައްކަތް މަޑުޖެހިގެން ދިޔައީ އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަކާއި ރީޑިޒައިނިން ދިގުލައިގެން ދިއުމާއި ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެއެވެ.
މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި ސްކޫލުގެ އިމާރާތަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށް ބުނެއެވެ. އަދި ފިނިޝިންގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މަސައްކަތް ލަސްވި ނަމަވެސް މިއަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސުކޫލް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެންނެވެ. އަދި ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ.
އާ އިމާރާތުގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ދެ ބުރީގެ ލައިބްރަރީއެއް ހާއްސަ ކުރާނެ އެވެ. އޭގެ އިތުރުން އެ އިމާރާތުގައި މަސައްކަތު މީހުންނަށް ހާއްސަ ޖާގަތަކާއި އިތުރު ހަރަކާތްތައް ހިންގަން ގިނަ ޖާގަ ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތް އެއް އަހަރުގެ ތެރޭ ނިންމާގޮތަށް ހަވާލުކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ލަސްވެގެން ދިޔަ ބަޔަށް އިތުރު ފައިސާއެއް ދިން ކަމެއް އަދި ސާފެއް ނުވެއެވެ.