ޖިނާއީ އަދުލު ހިންގުމަށް ނިޒާމުގައި ހިމެނޭ އެންމެން ފުރިހަމަ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެއްޖިއްސުން ގުޅުން ހިންގި މީހުން މިހާރު ހައްޔަރު ކުރުމަށް ފުލުހުން އޮޕަރޭޝަނެއް ހިންގަމުން ދާ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ، މުޑުދާރު އަމަލު ހިންގާ މީހުންނާ މެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެ ކަން އަބަދުވެސް ކަށަވަރު ކުރާ ކަމަށެވެ. ނަމަވެސް ޖިނާއީ އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންނަށް އޮތް ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން ނިޒާމުގައި ހިމެނޭ އެންމެން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރް އާ އެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައި ވާއިރު އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރް އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައި ވާއިރު ފުލުހެއް ކަމަށް ވާ އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުސް އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަން މިއަދު މެންދުރު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ ކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ވެފައެވެ.