ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަދުވަހު ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރައީސްގެ އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ރައީސް ސޯލިހު އެންމެފަހުން ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މީގެ އިތުރުން ނުރަސްމީ ދަތުރުފުޅެއްގައި 2019 ވަނަ އަހަރު ރައީސް ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.