ރާއްޖޭގައި ތަކުރާރުކޮށް އިންތިހާބުތައް ބާއްވާއިރު، ރާއްޖެއަށް އީވޯޓިން ސިސްޓަމް ތައާރަފްކުރުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކޮންމެ އިންތިހާބަކަށް ކުރަންޖެހޭ ހަރަދުތައް ކުޑަވެގެން ދާނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދެކެވުނު ވާހަކައަކީ ލައްކައަށް ވުރެ ގިނައިން ހަރަދުކޮށްގެން ބާއްވާ ބައި-އިލެކްޝަންތަކަށް އެއްވެސް ތަރުހީބެއް ނުލިބި، ވޯޓުލާން ނުކުންނަ މީހުން މަދު ވާހަކައެވެ. މިދިޔަ ހޮނިހިރު އައްޑޫ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނަށް ފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބުތަކަށް އެތައް ލައްކައެއް ހަރަދުވާ ކަމަށެވެ. އެހެންކަމުން މިއީ ކުރެވޭ އިސްރާފެއް ކަމަށް އޭނާ ސިފަކުރައްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީސީން ވަނީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގައި، އަދި އެޓާނީ ޖެނެރަލާ ވެސް ހިއްސާކޮށްފައެވެ. ކޮންމެ މަހަކު ފުލުފުލުގައި އިންތިހާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އީސީގެ ބަޖެޓަށް ބާރުބޮޑުވާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އީވޯޓިންއަށް އާންމުން ހޭލުންތެރިއެއް ނޫން، ސިޔާސީ ޕާޓީތަކުން ވެސް ދިނީ ފިނި ތަރުހީބެއް

"ދަ ޕްރެސް"ގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުވާދު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު އީސީން އީވޯޓިން ސިސްޓަމް ތައާރަފްކުރުމާ ގުޅޭ ގޮތުން އެކި ފަހަރު މަތިން މަޝްވަރާ ކުރެވުނު ކަމަށެވެ. ފުވާދު ވިދާޅުވި ގޮތުގައި، އާންމުންގެ ތެރެއިން ގިނަ މީހުން އީވޯޓިން ސިސްޓަމަށް އަދި އަހުލުވެރިއެއް ނުވެއެވެ.

"އެކަމަށް [އާންމުން އަދި] ފަރިތައެއް ނޫނޭ. އެއީ އަޅުގަނޑުމެންގެ ވޯޓުތައް ހަމަ ރައްޔިތުންގެ ކުރިމަތީގަ ގުނަމުން ގެންދާއިރު ވެސް ވާގޮތަކީ އެއާ ދޭތެރޭ މި އޮންނަނީ އެ (ވޯޓުގެ ސައްހަކަމާ މެދު) ސުވާލު އުފައްދާފަ، އެހެންވީމަ އިލެކްޓްރޯނިކް ސިސްޓަމެއްގެ ތެރެއިން ވޯޓު ގުނަމުންދާ ކަމަށް ވަންޏާ [އާންމުން] އެ ބަލައެއް ނުގަންނާނެ." ފުވާދު ވިދާޅުވިއެވެ.

އެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ، އީވޯޓިން ތައާރަފްކުރުމަށް އިދިކޮޅުގައި ތިބި ފަރާތްތައް އޭރު ދެކޮޅުހެދި ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީން އިދިކޮޅުގައި އޮތް އިރު ވެސް ކަންވީ އެހެން ކަމަށެވެ. ވުމާއެކު، އިދިކޮޅުން އެކަމަށް ދިނީ ފިނި ތަރުހީބެއް ކަން އޭނާ ފާހަގަކުރައްވައެވެ.

"[އީވޯޓިންގެ ވާހަކަ] ދެއްކިއިރު އޭރު އިދިކޮޅުގަ ތިބި ޑީއާރުޕީގެ ބޭފުޅުން އެކަމާ ސީދާ އިދިކޮޅު ހައްދަވާފަ ވަނީ، ޑީއާރުޕީވެސް ޖުމްހޫރީ ޕާޓީ ވެސް. އޭގެ ފަހުން ރައީސް ޔާމީންގެ އިރުގަ އެ ތިއްބެވި ބޭފުޅުން ތިއްބެވި އިރު ހަމަ އެމްޑީޕީން އޮތީ އެކަމާ ދެކޮޅު ހަދާފަ."
ފުވާދު ތައުފީގް | ރައީސް, އިލެކްޝަންސް ކޮމިޝަން

އެހެންކަމުން، އާންމުންނާއި ސިޔާސީ ޕާޓީތަކުން އީވޯޓިން ސިސްޓަމަށް ރާއްޖޭގެ ވޯޓުލާ ނިޒާމް ބަދަލުކުރުމަށް ތައްޔާރުނުވާ ކަމަށް ފުވާދު ގަބޫލުކުރައްވައެވެ.

އީވޯޓިން ތައާރަފްކުރުމަށް ގޮންޖެހުން އެބަހުރި، ނަމަވެސް ފަހުން ފައިދާ ވާނެ

އީވޯޓިން ސިސްޓަމެއް ތައާރަފްކުރާއިރު، މެޝިން ބޭނުންވާނެއެވެ. ވޯޓުލާ މީހުންގެ މައުލޫމާތުތައް ރައްކާކޮށް، ވޯޓުތައް ގުނައި، ވަގުތުން ވަގުތަށް އަޕްޑޭޓް ކުރެވޭނެ ސޮފްޓްވެއާއެއް އޮންނަން ވާނެއެވެ. ނަމަވެސް އެފަދަ ކަންކަމަށް ހަރަދު ވެސް ކުރަން ޖެހޭނެއެވެ. ފުވާދު ވިދާޅުވީ، އީވޯޓިންއަށް ބޭނުންވާ މެޝިންތައް ގަތުން ބޮޑު ހަރަދަކަށް ވާނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް އިންތިހާބުތައް ބާއްވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެކަމުގެ ފައިދާ ފެންނާނެ ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ މެޝިންތައް ހޯދާ އަހަރު އެއީ ގާތްގަނޑަކަށް ހަމަ ކަރުދާހުގައި ޗާޕްކޮށްގެން ދާ ހަރަދާ ގާތްގަނޑަކަށް އެއްވަރު ހަރަދެއްގެ ގޮތުގައި ހިނގައިދާނެ ކަމަށް ލަފާކުރެވެނީ. އެހެންނަމަވެސް ކުރިއަށް އޮތް އަހަރުތަކުގަ އޭގެ ފައިދާ ފެންނާނެ."
ފުވާދު ތައުފީގް | ރައީސް, އިލެކްޝަންސް ކޮމިޝަން

ނަމަވެސް ފުވާދު ވިދާޅުވީ، އާންމުން މިކަމާ މެދު ހިތްހަމަނުޖެހޭތީވެ، އެފަދަ ކަމެއް އާންމުންނަށް ހުށަހެޅުމަކީ ގައުމުގެ މަސްލަހަތަށް ބުރޫއަރާނެ ކަމެއް ކަމަށް އީސީ އަށް ގަބޫލުކުރެވޭތީވެ، އެ ކޮމިޝަންގެ ވިސްނުން އަދި އޮތީ ކަރުދާހުގައި ފާހަގަ ޖަހައިގެން މިހާރު ވެސް ވޯޓުލަމުންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެއަށްފަހު އޭނާ ފާހަގަކުރެއްވީ، އީވޯޓިން ސިސްޓަމަށް ބަދަލުކުރަންޏާ ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމެވެ. އިންތިހާބުތަކުގެ ގާނޫނުގައިވާ ގޮތުން އޮންނަނީ އާންމުންގެ ކުރިމަތީގައި ވޯޓުފޮށިތައް ބަހައްޓައި، ކަރުދާސްތައް އޮއްސާލުމަށް ފަހު އާންމުންނަށް ދައްކައިގެން ވޯޓު ގުނާ ގޮތަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ފުވާދު ވިދާޅުވި ގޮތުގައި، އީވޯޓިން ތައާރަފްކޮށްފިއްޔާ ވޯޓުތައް ގުނިގެންދާ ތަނެއް އާންމުންނަކަށް ނުފެންނާނެއެވެ.

ރިޔާސީ އިންތިހާބު އޮމާންކޮށް ހިނގައްޖެ ނަމަ، އީވޯޓިން ތައާރަފްކުރުމުގެ ވިސްނުމެއް

ކުރިއަށް އޮތް އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގައި އޮތީ ރިޔާސީ އިންތިހާބެވެ. ފުވާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ މި ދަނޑިވަޅުގައި އީވޯޓިން ސިސްޓަމަށް ރާއްޖޭގެ ވޯޓުލާ ނިޒާމް ބަދަލުކޮށްފިއްޔާ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތެވެ.

"އެކަމަކު ކުރީގަ އެކަން (އީވޯޓިން ތައާރަފްކުރަން ހުށަހެޅުމުން) ބަލައެއް ނުގަތް. އެހެންވީމަ މިވަގުތު ރިޔާސީ އިންތިހާބަކާ ކައިރިވެފަ އޮތީމަ މިހާރު ދެން އެގޮތަށް ބަދަލުކޮށްފިއްޔާ ވަރަށް ނެގަޓިވް އިމްޕެކްޓެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް (އީސީއަށް) ގަބޫލުކުރެވެނީ." ފުވާދު ވިދާޅުވިއެވެ.

ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އާ ބެހޭގޮތުން އަދިވެސް އިދިކޮޅުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އީވޯޓިން ސިސްޓަމަށް ބަދަލުކުރުމަކީ މަސްލަހަތު ހުރި ކަމެއް ކަމަށް އީސީ އަށް ގަބޫލުނުކުރެވޭ ކަމަށާއި، އެކަމަކު ކުރިއަށް އޮތް އިންތިހާބު އޮމާންކޮށް ހިނގައްޖެ ނަމަ، އީވޯޓިން ތައާރަފްކުރުމަށް އެ ކޮމިޝަނުން ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބު އޮމާންކޮށް ހިނގައްޖިއްޔާ ކުރިއަށް އޮތް ތަނަށް އަޅުގަނޑުމެން އީވޯޓިން އަނެއްކާވެސް ގެނައުމާ ބެހޭ ގޮތުން އަޅުގަނޑުމެން ވިސްނާނަން އިނގޭތޯ. ހަމަ ގައިމުވެސް 2018 ގެ ނަތީޖާ އާ ބެހޭގޮތުން ރައްޔިތުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ (އިދިކޮޅުގެ) ކަންބޮޑުވުން ހުރިގޮތުން މިވަގުތު އަދި އީވޯޓިންއަށް ދިއުމަކީ މަސްލަހަތު ހުރި ކަމަކަށް މިހާރު ކޮމިޝަންގަ ތިއްބެވި މެންބަރުންނަކަށް ފެނިވަޑައެއް ނުގަނޭ."
ފުވާދު ތައުފީގް | ރައީސް, އިލެކްޝަންސް ކޮމިޝަން

މި ނޫހުން ކުރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގައި ފުވާދު މީގެ ކުރިން ވިދާޅުވީ، އީސީގެ މެންބަރުންގެ ދަތުރުފަތުރާއި، އިންތިހާބުގެ އިންތިޒާމްތަކާއި، އޮފިޝަލުން ހަމަޖެއްސުން ފަދަ ކަންކަން ހިމެނޭހެން ކޮންމެ ބައި-އިލެކްޝަނަކަށް ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވެ، ކޮމިޝަންގެ ބަޖެޓަށް ބާރު ބޮޑުވެއެވެ.

މީގެ ކުރިން މަޖިލިހަށް ފޮނުވި ސިޓީއެއްގައި އެކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނި ގޮތުގައި މިއަހަރު މަދުވެގެން 50 އަކަށް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި އެ ބައި-އިލެކްޝަންތަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމުގައި ވެސް އެ ސިޓީގައި ބުނެފައިވެއެވެ.