ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ފަސޭހަ ކަމާއެކު ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީގެ ކުރިން ސައުދީ އަރަބިއްޔާގައި ހުޅުވާލާފައި އޮތް "ހޮސްޓް ޢުމްރާ" ސްކީމް ކެންސަލް ކުރުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

"ހޮސްޓް ޢުމްރާ" ސްކީމްގެ ދަށުން، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް 5 މުސްލިމުން އަދި ސައުދީގައި ދިރިއުޅޭ ބިދޭސީންނަށް އެމީހުންނާ ސީދާ އާއިލީ ގުޅުން އޮންނަ 3 މީހަކު ޢުމްރާގެ އަޅުކަމަށް ސައުދީއަށް ގެންގޮސް، ހޮސްޓް ކުރުން ނުވަތަ ހުރުމާއި ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސާ ދިނުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި އަހަރަކު 3 ފަހަރަށް މީހުން ހޮސްޓް ކުރުމުގެ ފުރުސަތު އޮވެއެވެ.

ސައުދީ ގެޒެޓްއާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާގެ ތަރުޖަމާނު، ހިޝާމް ބިން ސައީދު ވިދާޅުވީ، އެ މަޝްރޫއު ކެންސަލް ކޮށްފައި ވާ ކަމަށާ، އެކަން ދެން ތަންފީޒު ނުކުރާނެ ކަމަށެވެ. އެއީ މީގެ 3 އަހަރު ކުރިން ތަންފީޒު ކުރަން ފެށީ ސްކީމެކެވެ.

އެއީ ކީއްވެ ސައުދީއިން ނިންމި ފިޔަވަޅެއް ކަން ސައުދީ ގެޒެޓްގައި ތަފްސީލު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އިތުރު ތަފްސީލުތައް ލިބެމުން ދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސައުދީގައި ޢުމްރާ މޫސުން ފަށާނީ ހިޖުރީ އާ އަހަރާއެކު، މުހައްރަމު މަހުގެ 1 ވަނަ ދުވަހުއެވެ. މުހައްރަމު މަހުގެ 1 ވަނަ ދުވަސް މި އަހަރު ދިމާވަނީ މީލާދީ ތާރީހުން ޖުލައި 30 ވަނަ ދުވަހާއެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މިއަހަރުގެ އުމްރާ މޫސުމަށްވެސް އެ ގައުމުން ތައްޔާރު ވެފައި ވާ ކަމަށް ހާމަ ކޮށްފައެވެ. މި އަހަރުގެ ޢުމްރާ މޫސުމުގައި 10 މިލިއަނެއްހާ މުސްލިމުން ސައުދީއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ހަބަރު ލިބެއެވެ.