ވަރަށް މަދުން ނޫނީ ފެންނަ ޒާތުގެ ބޮޑު، ފިޔާތޮށި އަލިމަސް ނުވަތަ ޔާގޫތެއް، އެންގޯލާއިން ފެނިއްޖެއެވެ.

ބަރުދަނުގައި 34 ގުރާމް ހުރި އެ ޔާގޫތަކީ މިދިޔަ 300 އަހަރު ދުވަހުގެ ތެރޭގައި ފެނުނު އެފަދަ އެންމެ ބޮޑު ޖަވާހިރު ކަމަށް ބެލެވެއެވެ.

އެންގޯލާއިން ފެނުނު ޔާގޫތަށް ދީފައި ވާ ނަމަކީ "ލޫލޯ ރޯޒް"އެވެ. އެއީ ޔާގޫތު ފެނުނު މައިންއަށް ނިސްބަތްކޮށެވެ.

ލޫލޯ ރޯޒްއަކީ ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް ވަރެއްގެ ތަޣައްޔަރު ކަމެއް ނެތް ޖަވާހިރެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެންގޯލާގެ މިނަރަލް ރިސޯސަސް މިނިސްޓަރު، ޑިމަންޓީނޯ އަޒީވީޑޯ ވިދާޅުވީ، މި ހޯދުމަކީ ދުނިޔޭގެ މައިދާނުގައި އެންގޯލާގެ މުހިންމުކަން އަންގައިދޭ ހޯދުމެއް ކަމަށެވެ.

ލޫލޯ ރޯޒްއަކީ ލޫލޯ މައިންއިން މިހާތަނަށް ފެނުނު، 5 ވަނައަށް އެންމެ ބޮޑު ޖަވާހިރެވެ. ލޫލޯ މައިންއަކީ އޮސްޓްރޭލިއާގެ ލުކާޕާ ޑައެމަންޑް ކޮމްޕެނީއާއި އެންގޯލާ ސަރުކާރުން ޖޮއިންޓް ވެންޗާ އުސޫލުން ހިންގާ މައިންއެކެވެ.

ޖަވާހިރު ހެދުމާ ބެހޭ ސްޕެޝަލިސްޓެއް ކަމަށް ވާ ޖޮއެނާ ހާޑީ ބުނީ، ލޫލޯ ރޯޒްގެ އަގު ބަޔާން ކުރަން އެނގޭނީ އެ ޖަވާހިރު ކެނޑުމުން ކަމަށެވެ.

ފިޔާތޮށި އަލިމަސް ނުވަތަ ޔާގޫތަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ޖަވާހިރަކަށް ވާ އިރު، އެއީ ފުދޭ ވަރަކަށް ހަރުވެސް އެއްޗެކެވެ. އެހެން ކަމުން، ބޭނުން ބައްޓަންތަކަށް ޖަވާހިރު ކެނޑުމުގައިވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ.

ހާޑީ ބުނި ގޮތުގައި އާންމުންނާ ހިސާބަށް ލޫލޯ ރޯޒް އައުން ނުވަތަ ނީލަން ކިއުންވެސް ނާދިރު ކަމަށާ، އެފަދަ ޖަވާހިރުތައް ގަތުމަށް ތައްޔާރުގައި މިހާރުވެސް އެތައް ބަޔަކު ތިބި ކަމަށެވެ.

މިހާތަނަށް އެންމެ ބޮޑު ޔާގޫތެއް ފެނިފައި ވަނީ އިންޑިއާއިންނެވެ. އެއީ ދާރިއާ-އީ-ނޫރްގެ ނަން ދީފައި ވާ އެ ޔާގޫތެވެ.