މާލޭގެ ބޯހިޔާވަހިކަމަށް އޮތް ދަތިކަމަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިން ސްކީމްގެ ދަށުން މިހާތަނަށް 7400 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ފްލެޓާއި ގޯއްޗަށް ފޯމް ހުށަހަޅަން ހުޅުވާލި ދެ ސްކީމްގެ ތެރެއިން ބިންވެރިޔާ ސްކީމަކީ ހަމައެކަނި މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ބިން ދޫކުރުމަށް ހުޅުވާލާފައިވާ ސްކީމެކެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލައި އާންމުކުރި އުސޫލުގައި ބުނާގޮތުގައި، ފޯމް ހުށަހަޅާ އިރު އެކަކަށް ވުރެ ގިނަ މީހުން އެކުވެގެން ފޯމު ހުށަހެޅިދާނެއެވެ. އަދި މިއީ ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިސްކަން ދޭ ތަރުތީބަށް ބަލާއިރު އެންމެ އިސްކަންދޭ ދެ ބައިގެ ޝަރުތެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަލާއިރު، މާލޭގެ ރައްޔިތެއް ކަމުގައި ވުމާއި، 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުމާއި، މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުމާއި، 600 އަކަފޫޓަށް ވުރެ ބޮޑުތަނެއް ރަޖިސްޓްރީ ވެފައިވާ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުމާއި، ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުމާއި، އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން ހިމެނެއެވެ.

މާލެ ރައްޔިތުންނަށް ހަމައެކަނި މާލެއިން ގޯއްޗށް އެދި ހުށަހެޅޭ ގޮތަށް ހުޅުވާލާފައި އޮތުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ. ހަމައެކަނި މާލެ މީހުންނަށް ގޯއްޗަށް އެދި ހުށަހެޅުނު ކަމުގައި ވިޔަސް މި ސަރުކާރުން ދޭން ހަމަޖެހިފައިވާ ފްލެޓަށް އެދި މާލޭގައި ދިރިއުލޭތާ 15 އަހަރުވެފައިވާ މީހުންނަށް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފްލެޓަށް އެދި ހުށަހެޅުމާ ގުޅޭ ގޮތުން އާންމުކޮށްފައިވާ އުސޫލުގައި ބުނާ ގޮތުގައި، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކާއި (ހަމައެކަނި މައި އެޕްލިކަންޓް) އަދި، މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ފްލެޓް ސްކީމަށް ކުރިމަތި ލެވޭނެއެވެ. މި ސްކީމަށް ފޯމް ހުށަހަޅާއިރު، މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔެކިޔުން ފޯމާއެކު ހުށަހަޅަން ޖެހެއެވެ.

މި ސަރުކާރުން މާލެއިން ބިމަށާއި ފްލެޓަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެ މުއްދަތުގެ ކުރިން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. އެ ޕޯޓަލް އަށް ވަދެވެނީ އީފާސް ރަޖިސްޓްރޭޝަން މެދުވެރި ކޮށެވެ.