ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވެ، ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި އެ ތަކެތި ހުޅުމާލެ އަށް ގެންދިއުމަށްޓަކައި ބައިވެރިވި ކަމުގެ ތުހުމަތުތަކެވެ. އެހެންނަމަވެސް މިދިޔަ އޭޕްރީލް މަހު ޖުވެނައިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި އެތަކެތި ދޯނީގައި ބެހެއްޓުމުގައި ކުޑަކުއްޖާގެ ނިޔަތެއް އޮތް ކަމާއި މަސްތުވާތަކެތި ހުރި ދޯންޏަކީ އެކުއްޖާގެ ކޮންޓްރޯލް އޮތް އަދި އެކުއްޖާގެ ބެލެހެއްޓުމުގައި އޮތް ދޯންޏެއްކަން އެނގެން ނެތް ކަމަށާއި ދޯންޏަށް އަރައި ދަތުރުގައި ބަައިވެރިވީ އޭގައި މަސްތުވާތަކެތި ހުރިކަން އެކުއްޖާ އަށް އެނގި ހުރެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޖުވެނައިލް ކޯޓުން ބުނެއެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.
މިތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބި ފަރާތް ތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
130 ކިލޯ މަސްތުވާތަކެތީގައި ހުރީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.