ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖެއިން އިނގިރޭސި ސިފައިން ބޭލި ގޮތަށް އިންޑިޔާ ސިފައިން ބާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާ ގުޅުވާ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މިއަދު އުމަރު ވިދާޅުވީ އިނގިރޭސި ސިފައިން ރާއްޖޭ އަށް ފައިބާ ތިބި ތިބުން ކެބިނެޓް ގައި އިންނެވި އިބްރާހިމް ނާސިރަށް ސިފަކުެއްވުނީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ކަމަަށެވެ. ނަމަވެސް އޭރު އިނގިރޭސިންގެ ހަދިޔާ ލިބެމުން ދިޔަ ބޭފުޅުންނަށް އެކަން ސިފަވީ އެހެން ގޮތަކަށް ކަމަަށް އުމަރު ވިދާޅުވިއެވެ.
އޭރުގެ ހާލަތާއި މިހާރުގެ ރާއްޖެ އޮތް ހާލަތު ސިފަކުރައްވަމުން އުމަރު ވިދާޅުވީ، ހަމަ އެގޮތަށް މިއަދު އިންޑިޔާ ސިފައިން ރާއްޖެ އަށް ފައިބާ ތިބިތިބުން މިނިވަން ކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ސިފަ ކުރެވުނަސް އިންޑިޔާގެ ހަދިޔާ ލިބޭ ބޭފުޅުންނަށް ސިފަވަނީ އެހެން ގޮތަކަށް ކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިން ބޭލި ގޮތަށް އިންޑިޔާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލަން ޖެހޭ ކަމަަށެވެ. މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅިގެން އުމަރު އަބަދުވެސް މި ސަރުކާރަށް ފާޑުވިދާޅު ވެއެވެ. އެގޮތުން ރާއްޖެއަށް ހަދިޔާ ދިނުމުގެ ނަމުގައި 3 އުޅަނދާ އެކު 200 ސިފައިން އައިސްފައިވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ. ގާތްގަނޑަކަށް ރާއްޖޭގައި ތިބި ސިފައިންގެ އަދަދު 300 އަށް އަރާނެ ކަމަށް މީގެ ކުރިން އުމަރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ކެމްޕެއިން ހުއްޓުވުމަށް މި ސަރުކާރުން ވަނީ ގަރާރެއް ވެސް ނެރެފައެވެ.