މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްލަވާލައްވައިފިއެވެ.

މި ހަރަކާތް އޮތީ މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ. އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެ ދެކަނބަލުންނާ އިސްތިގުބާލު ކުރެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. މި ހަރަކާތް ނިންމާލާފައި ވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން އިންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކު ވެސް ޕެރޭޑް ބަލަލުމަށް ވަނީ މަގުތަކަށް ނިކުމެފައެވެ.