މިނިވަންކަމުގައި ދެމިތިބުމަށްޓަކައި އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވުން މުހިންމު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރުމާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެންމެ ފުރަތަމަ ހިމާޔަތްކުރަން ޖެހެނީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
ސަބަބަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގުޅިފައިވާ އެންމެ ބޮޑު އެއް ސިއްރަކީ އިސްލާމްދީން ކަމަށްވާތީ އާއި، އިސްލާމްދީނުގެ ސަބަބުން ރާއްޖެ އުޖާލާވެގެން ދިއުމަކީ ދެ ދުނިޔޭގައިވެސް ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަމުގައިވާތީ ކަމަށް، ރައީސް ވިދާޅުވިއެވެ.
ދިވެހިންނަކީ އަބަދު ވެސް މިނިވަންކަމަށް ލޯބިކުރާ ބައެއް
ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންނަކީ އަބަދު ވެސް މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. އަދި މިނިވަންކަމަށް ވާން ޖެހުނު ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވަމުންދާ ބައެކެވެ. ތާރީހަށް ބެލި ކަމުގައިވިޔަސް އެކަން ވަރަށް ރަނގަޅަށް ހާމަވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިންޑިއާ ކަނޑަށް ދޮށީ މި ގައުމުގެ ލިޔެވިފައި ނެތް ގަދީމީ ތާރީހާއި އޭގެ ފަހުގެ ތާރީހުން މި މަންޒަރު ސާފުކޮށް ބަޔާންވޭ. މިނިވަން މުސްތަގިއްލު އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، އެ ގައުމެއްގައި ދިރިއުޅޭ އެންމެން އެކަތިގަނޑަކަށްވެ، އެއްބައިވަންތަވެގެން މެނުވީ މިނިވަންކަން ލިބުނު އެއްވެސް ގައުމެއް މިހާތަނަށް ނެތް ކަމަށާއި، މިނިވަންކަމުގައި ދެމިތިބުށްޓަކައި އެއްބައިވަންތަކަމާއި، އެކަތިގަނޑެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކި ކަންކަމުގައި ކޮންމެ ބަޔަކު ވެސް ހިޔާލު ތަފާތުވާނެ ކަމަށާއި، ނަމަވެސް މިނިވަންކަމުގެ ރާސްތާގައި ދެމިއޮތުމަށްޓަކައި އެ ހުރިހާ ތަފާތެއް އެއްފަރާތް ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ މިނިވަންކަމުގެ އުފަލަކީ އެހެނިހެން އިހުސާސްތަކާ ތަފާތު އިހުސާސަކަށް ވާތީ ކަމަށާއި، މިނިވަންކަމުން އާންމުންނަށް ލިބޭ ހައްގުތަކާއި އިމްތިޔާޒާއި އިހްތިޔާރަކީ އެންމެނަށް ހަމަހަމަ އެއްޗަކަށް ވާތީ ކަމަށެވެ.