މިނިވަން ދުވަހުގެ މި އަހަރުގެ މުނާސަބާ ފާހަގަކުރުމުގެ މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންފިއެވެ.
މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ސަރުކާރުގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ދިދަ ނަގައި ނިމުމުން، އެ ރަސްމިއްޔާތުގައި ވަނީ އެމްއެންޑީއެފްގެ ބޭން ޕާޓީގައި ގައުމީ ސަލާމް ކުޅެފައެވެ. އޭގެ އިތުރުން، އެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވާއިރު. އެ ދުއާ ކޮށްދެއްވާފައި ވަނީ އައްޝައިޚް އަހްމަދު މައުމޫނެވެ.
މިނިވަން ދުވަހާ ގުލިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވީ ނަމަވެސް، ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ، ފުޅަނދުބުރާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ރާއްޖޭގައި މިނިވަން ދުވަސް ފާހަގަކުރަނީ ޖުލައި 26 ގައެވެ. ޖުލައި 26، 1965 އަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް، ދެގައުމުގެ ސަރުކާރުތަކުގެ ދެމެދު، ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ. އެހެންކަމުން، ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮންނަތާ 57 އަހަރު ވަނީ ވެފައެވެ.