ރ. ދުވާފަރު ކައުންސިލްގެ ބަޖެޓުން ބައެއް ކައުންސިލަރުންނާއި މުވައްޒަފުން އަމިއްލަ އެކައުންޓުތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި ހިޔާނާތުގެ މައްސަލަތައް ތަހްގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނެ ކަމަށް، ކައުންސިލްތަކުގެ ބެލެނިވެރި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އެލްޖީއޭއިން ބުނީ، އެ އިދާރާގެ މުވައްޒަފުންތަކެއް ދުވާފަރަށް ގޮސް ބެލުމަށްފަހު ތައްޔާރުކުރި މޮނިޓަރިން ރިޕޯޓް މިދިޔަ ބުދަ ދުވަހު އެކުލަވާލައި އާންމުކުރުމުގެ ކުރިން، އާންމު އުސޫލުގެ ދަށުން ޖަވާބުދާރީވުމަށް ދުވާފަރުގެ ކައުންސިލަށް އެކަށީގެންވާ މުއްދަތެއް ދީފައިވާނެ ކަމަށެވެ،

އެ ބަޔާނުގައި އެލްޖީއޭއިން އިތުރަށް ބުނި ގޮތުގައި:

  • ރިޕޯޓްގައި ފާހަގަކުރެވުނު ކަންކަން ތަހްގީގުކޮށް، އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވާނީ އަންގާފައި
  • ސުވާފަރު ކައުންސިލްގެ އިންކުއަރީ އެއް ހެދުމުގެ މަސައްކަތް ދަނީ ކުތަމުން

ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުލެވޭ ހިޔާނާތުގެ މައްސަލަ ހާމަވީ އެލްޖީއޭއިން ނެރުނު މޮނިޓަރިން ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާ ގޮތުން:

  • ދުވާފަރުގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ވަނީ ސީއެސް ގަވައިދާއި، މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލުކޮށްފައި
  • އެ ރަށު ކައުންސިލުން ވަނީ ކައުންސިލަރުންނަށާއި ބައެއް މުވައްޒަފުންގެ އިތުރުން އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓްތަކަށް ޖުމްލަ 2.62 މިލިއަން ރުފިޔާ ޖަމާކޮށްފައި
  • އެއްވެސް ހުއްދައެއް ނެތި ނަގުދު ފައިސާއިން ރުފިޔާ ވަނީ ހަވާލުކޮށްފައި

އޭސީސީން ބުނީ، އެ ކޮމިޝަނުން ދުވާފަރު ކައުންސިލްގެ މައްސަލަ ދިރާސާކޮށް ބަލަމުންދާ ކަމަށާއި، އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

އެލްޖީއޭގެ ރިޕޯޓުގައި ވަނީ ދުވާފަރު ކައުންސިލްގައި ހުރި 34 މައްސަލައެއް ފާހަގަކޮށް، އެކަން އިސްލާހު ކުރުމަށް ލަފާދީފައެވެ.