މާލެ ސަރަހައްފަށް ހާއްސަކޮށް ސަރުކާރުން އިއުލާން ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް، ވެރިކަންކުރާ އެމްޑީޕީން ސެޝަންތަކެއް ބާއްވަން ނިންމައިފިއެވެ.

މިރެއިން ފެށިގެން ސެޝަންތަކެއް ބާއްވަން ނިންމައި ކުރި އިއުލާނެއްގައި އެމްޑީޕީން ބުނީ، އެ ޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، ސަރުކާރުން މާލެ ސަރަހައްދަށް ހާއްސަކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާންމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް މިރެއިން ފެށިގެން ރޭގަނޑު 8 އިން 10:30 އަށް، ކޮންމެ ރެއަކު އޮންނާނެ ކަމަށެވެ. މި ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައެވެ.

އެ ސެޝަންތަކުގެ އަމާޒަކީ މާލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ފައިދާ ހޯދައިދިނުން ކަމަށް ވެސް، އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން މިފަދައިން އިއުލާނެއް ނެރެފައިވާއިރު، މާލޭގެ އާންމުންނާ މިދިޔަ ހަފްތާގައި ބައްދަލުކުރައްވައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އޮންލައިންކޮށް ގެދޮރުވެރިކަމަށް ފޯމް ހުށަހަޅާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން މާލެ ސަރަހައްދުގައި ދެ ހެލްޕްޑެސްކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 3 އިން ފެށިގެން އެ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ގަޑިތައް އިއުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސަރުކާރުން ވަނީ މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މާލެ ރައްޔިތުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން ޖުމްލަ 3،000 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.