މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރަމުން އައި ކުޑަގިރި ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މާލެއާ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. ސަރުކާރުން ފުރަތަމަ ނިންމާފައިވަނީ މާދަމާ ފާހަގަކުރާ މިނިވަން ދުވަހާ ދިމާކޮށް އެ ރަށް ރަސްމީކޮށް ހުޅުވުމަށެވެ.

ނަމަވެސް، ބައެއް މީޑިއާތަކަށް މިއަދު މައުލޫމާތު ދެއްވަމުން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި، ކުޑަގިރީގައި އަދިވެސް ބައެއް މަސައްކަތްތައް ކުރަން ޖެހެއެވެ. އެހެންކަމުން އެ ރަށް ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު، އެ ރަށުގެ މަސައްކަތްތައް ފުރިހަމަވުމުން ހުޅުވާނެ ތާރީހެއް ހާމަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 41.4 މިލިއަން ރުފިޔާ އަށް، 150 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. އެ ރަށުގެ މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާލާއިރު، އެމްޓީސީސީން މިހާރު ކުރިއަށް ގެންދަނީ ކުޑަގިރީގައި ޖެޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މާލޭގެ އާންމުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދެކެވެ.