ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން ބިން މުހައްމަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. ފަޒްލޫނުގެ ބަންދާމެދު ގޮތެއް ނިންމަން މިމަހު 21 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއްކޮށް ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ.

މިމައްސަލައާ ގުޅިގެން އޭގެފަހުން ވެސް ފަޒްލޫން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. ރޭ ވަނީ ތަހުގީގުގައި އިތުރަށް ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ބުނެ ފުލުހަށް ހާޒިރުކޮށްފައެވެ.

ދައުލަތުން އިސްތިއުނާފުކުރަން ހުށަހެޅި ނަމަވެސް އެކަމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫންގެ އިތުރުން ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.