ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން ބަލައެއް ނުގަންނަން ނިންމައިފިއެވެ.

މުހައްމަދު އިސްމާއީލްގެ ބަންދު އެކި ފަހަރު މަތިން އިތުރުކޮށްފައިވާއިރު އެންމެ ފަހުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރަން މުހައްމަދު އިސްމާއީލްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވަނީ ހޮނިހިރު ދުވަހުއެވެ. އެހެންނަމަވެސް އިއްޔެ ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ޕީޕީއެމްގެ ސެނެޓާ މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ވިދާޅުވެފައެވެ. އަދި މުހައްމަދު އިސްމާއީލް އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައިވެސް ނުވާ ކަމަށާއި އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން މީގެ ކުރިން އިހުތިޖާޖެއް ކޮށްފައިވާއިރު "މިނިވަންކުރޭ މިނިވަންކުރޭ" ނަމުގައި މިރޭ އިހުތިޖާޖެއް ކުރަންވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފައެވެ.