ރައީސް ހެޔޮލަފާ ވުމަކުން ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ހަމަ އެގޮތަށް ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެެެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ފަހަކަށް އައިސް ނުސީދާ ބަސްތަކުން ޓުވީޓާގައި ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒުކުރަމުން ގެންދަވާ އިމްރާން މީގެ ކުރިން ވަނީ އަދާލާތު ޕާޓީ އަކީ ދީނުގެ ދިފާއަށް އުފެއްދި ޕާޓީއެއް ކަމަށާއި އެ ޕާޓީއަށް ވުރެ ބޮޑަށް ދީނާއި ގައުމަށް ހިދުމަތްކުރި ޕާޓީއެއް ނޯންނާނެ ކަމަށެވެ.

އޭގެއިތުރުން އިމްރާން ވަނީ އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާވެރި ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.