އަތޮޅު ތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 24 ބަހެއް އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އަތޮޅުތެރޭގެ ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަސްތަކުގެ ތެރެއިން 24 ބަސް ފޮނުވުމަށް ހަމޖެހިފައިވާ އުޅަނދުތަކަށް ބަރުކޮށްފައިވާ ކަމަށެވެ. އަދި މިބަސްތައް ފޮނުވުމަށް ހަމަޖެހިފައި ވަނީ، އައްޑޫސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރުން ލ. އަތޮޅަށް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މިނީ ބަސް ހިދުމަތަށް ބޭނުންކުރާ ބަސްތަކަކީ، 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މި ތިން ސަރަހައްދުގެ އިތުރުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވަނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް 36 ބަސް ގެނެސްފައެވެ. މާލޭގައި ދުއްވަން ގެނައި މިނީ ބަސްތަކަކީ ދިގުމިނުގައި 20 ފޫޓު ހުންނަ، 16 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ބަސްތަކެކެވެ. އަދި މި މަހު ފަހުކޮޅު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

2020 ވަނަ އަހަރު މިނީބަހުގެ ހިދުމަތް ފަށަން ނިންމާ އެކަން ކުރުމަށްޓަކައި 2019 ވަނަ އަހަރު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. އަދި މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅެކެވެ.

ބަހުގެ ހިދުމަތަކީ، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ހިދުމަތެކެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ޚހިދުމަތެވެ.